ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު މަރުވެއްޖެއެވެ. މި ބަލީގައި މަރުވެފައިވަނީ މ. މުލީ، އާއިޝަތު އަންޖަލް މުމްތާޒުއެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އަންޖަލްއަށް އެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ހާލަތު ގޯސްވެ، ރޭ 10:26 ހާއިރު އެ ކުއްޖާ ވަނީ މަރުވެފައެވެ. އަންޖަލްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު މުލީ މަސްޖިދުލް މުސާވާތުގައެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ދުވަސްވަރެކެވެ. މި މަހުގެ 13 ވަނަ ދުވަހު ވެސް ޑެންގީ ޖެހިގެން ށ. މިލަންދޫގެ 22 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ، އާންމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ކުރިއަށް އޮތް މަސްތަކުގައި އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަލި ފެތުރުން އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ، މި ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ.


