Tuesday, 28 July 2026
ސ މަރަދޫމިސްކިތް---ފޮޓޯ:ޕިންޓަރެސްޓް

ސާފުތާހިރުވުމުގެ ނަމުގައިވެސް ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކުރުން އިސްލާމްދީން ހުއްދަނުކުރޭ: ހުކުރު ޚުޠުބާ

އިންސާނާގެ ފިޠުރީ ރީތިކަން ދެމެހެއްޓުމަށްޓަކައި ’ސުނަނުލް ފިޠުރާ' ނުވަތަ ފިޠުރަތުގެ ސުންނަތްތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއްކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ. މީގެ ތެރޭގައި ޚިތާނުކުރުމާއި، ނިޔަފަތި ކެނޑުމާއި، ބޭނުންނުވާ އިސްތަށި ސާފުކުރުން ހިމެނޭއިރު، މިކަންކަމަށް އިހުމާލުވުމަކީ ބަލިތަކާއި ނުބައި ވަސްދުވުމަށް މެދުވެރިވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި ސާފުތާހިރުވުމުގެ ނަމުގައިވެސް ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކުރުމަކީ ދީނީގޮތުން މަނާކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ޒީނަތްތެރިވުމާއި ހެދުން އެޅުމުގައި އިސްލާމީ އުޞޫލުތަކަށް ބޯލަނބަންޖެހޭކަން ފާހަގަކުރައްވައި، ޙިޖާބުގެ އަސްލު މަޤްޞަދަކީ އައުރަ ނިވާކުރުންކަމަށް ޚުޠުބާގައި ބުންޏެވެ. ހަށިގަނޑުގެ ބައިތައް ހާމަވާގޮތަށް ނުވަތަ ބާރުކޮށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤްޞަދު ގެއްލޭ ކަމެއްކަމަށާއި، ފިރިހެނުންވެސް ކުޅިވަރު ކުޅޭއިރު އައުރަ ނިވާކުރުމަށް ސަމާލުކަން ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ނަމާދުގައި އައުރަ ހާމަވާނަމަ ނަމާދު ބާޠިލުވާނެކަންވެސް ޚުޠުބާގައި ހާމަކުރެއްވިއެވެ.

ޒީނަތްތެރިވުމުގެ ނަމުގައި މާތްﷲ ހައްދަވާފައިވާ ފިޠުރީ ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިއެއްކަމަށް ޚުޠުބާގައި އިންޒާރު ދެއްވިއެވެ. "ޓެޓޫ ޖެހުމާއި، ބުމަ އުފުރުމާއި، ރީތިވުމުގެ ބޭނުމުގައި ދަތްތަކުގެ ދޭތެރެ ދުރުކުރުން ފަދަ ކަންކަމަކީ މާތްﷲގެ ލަޢުނަތް ހުށަހެޅޭ ފާފަތަކެއް" ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، ވުޟޫކުރާއިރު ހަމަށް ފެން ފޯރުމަށް ހުރަސްއަޅާ ތަކެތި ބޭނުންކުރުމުން ނަމާދު ބާޠިލުވެދާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.

އާއިލާގެ ތެރޭގައި މިފަދަ ކަންކަން އިޞްލާޙުކުރުމުގައި ހަރުކަށިކަން ދޫކޮށްލައި، ލޯތްބާއި އޯގާތެރިކަމާއެކު ނަޞޭޙަތްތެރިވުމަށް ޚުޠުބާގައި ބާރުއެޅުއްވިއެވެ. ޒީނަތްތެރިވުމުގައި އެންމެ އިސްކަންދޭންޖެހޭ ފަރާތަކީ ތިމާގެ ބައިވެރިޔާކަން ހަނދާންކޮށްދެމުން، އެންމެ ރީތި ހެދުމާއި މީރުވަސްދުވާ ތަކެތި ބޭނުންކުރުން ހަމައެކަނި ބޭރަށް ނުކުންނަ ވަގުތަށް ޚާއްޞަ ނުކޮށް، ގޭތެރޭގައި ފިރިމީހާގެ ކުރިމަތީގައި އެކަންކަމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދެއްވިއެވެ. މިއަދުގެ ޚުޠުބާ ނިންމާލާފައިވަނީ ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ކިޔެވުމަށް ވަޞިއްޔަތް ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *