Tuesday, 28 July 2026
އިންޑިއާގެ ބޮޑުވަޒީރާއި ރައީސްޑރ މުއިއްޒު---ފޮޓޯ:ރައީސްއޮފީސް

އިންޑިއާއިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފި

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު 2024 ވަނަ އަހަރު ގާއިމުކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ދޫކުރުމަށް ކަނޑައެޅި 30 ބިލިއަން ރުޕީސްގެ ފެސިލިޓީގެ ތެރެއިން ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފިއެވެ.

މިއީ 'ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފްރޭމްވޯކް' ގެ ދަށުން 2024 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ދެ ވިންޑޯގެ ތެރެއިން އެއް ވިންޑޯއެވެ. މި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ރާއްޖެއަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ދަށުން ހަމަޖެހުނު 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ރާއްޖެއިން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭނުންކޮށްފައިވާއިރު، އެމްއެމްއޭ އިން ވަނީ އެ ފައިސާ އަނބުރާ ދައްކައި ހަލާސްކޮށްފައެވެ. އެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 23 އޭޕްރީލް 2026 އެވެ. ރުޕީ ފެސިލިޓީ 2024 ގައި ހަމަޖެހުނު ނަމަވެސް، މިއަދާ ހަމައަށް އެ ފެސިލިޓީގެ ދަށުން އެމްއެމްއޭ އިން ފައިސާ ނަގާފައެއް ނުވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 30 ބިލިއަން ރުޕީސްގެ ފެސިލިޓީގެ ފުރަތަމަ ބައި މިހާރު ރާއްޖެއަށް ދޫކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށް ބޭނުންކުރެވޭނެ މުހިއްމު ވަސީލަތެއް ކަމަށާއި، މިއީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މުހިއްމު މާލީ އެހީތެރިކަމެއް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއާއި އިންޑިއާއަކީ ގާތް ދެ އެކުވެރިން ކަމަށެވެ. އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *