Wednesday, 29 July 2026
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު: މެޑަމް ސާޖިދާ

ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މުސްތަޤުބަލު ބައްޓަން ކުރުމުގައި އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ގާލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދެއްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، ތަރައްގީއަށްޓަކައި އޭއައި ބައްޓަން ކުރުމުގައި ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ހުރިހާ އެންމެން ޝާމިލްވާ ފުރުސަތުތަކެއް ފަހިވެފައިވާ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ، މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. "ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ، އަދި ޑިޖިޓަލް މުސްތަޤުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓް ނިންމަވާލެއްވީ، އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީ އެހީތެރިވުމަށް އިލްތިމާސް ކުރައްވަމުންނެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ފަންނިއްޔާތުގެ ދާއިރާގެ އުޖާލާ މުސްތަޤުބަލެއް ބިނާކުރެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން "ގާލްސް އިން އައިސީޓީ" ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް ދާއިރާގައި އޮތް މިންތީގެ ފަރަޤު ކުޑަކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *