Tuesday, 28 July 2026
ހައުސިންގ ސްކީމްތަކުގެ ތެރެއިން ---ފޮޓޯ:ޓީއެމްޖޭ

ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިހާތަނަށް ހުށަހަޅާފައިވާ 20،000 ފޯމުގެ އިތުރުން ޑްރާފްޓް މަރުހަލާގައި 16،000 ފޯމު އެބައޮތް ކަމަށެވެ. އެހެންކަމުން، ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 36،000 ފޯމު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ޕޮއިންޓް ސިސްޓަމްއަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން. އައު ކެޓަގަރީތައް ގެނެސްފައި ހުންނާނެ. 31 މެއި އަކީ އެންމެ ފަހުގެ ތާރީޚް. އެއަށްފަހު އިވެލުއޭޝަންގެ މަސައްކަތްތައް ފަށައިގަންނާނެ،" ވަޒީރު ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ކެޓަގަރީތައް ކަނޑައަޅާފައިވަނީ ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށްގެންނެވެ. އެގޮތުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރަށްވެހިންގެ އިތުރުން، ޚާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދެ ޖިންސުގެ ދަރިން ތިބޭ މީހުންނަށް 3 ކޮޓަރީގެ ފްލެޓަށް އެޕްލައި ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގޯތި ދޫކުރުމުގެ ދާއިރާއިން ބަލާއިރު، މައިމުޅަވެފައިވާ މީހުންނާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ލިބުނު ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް "ގޯތި ގެދޮރު" ޕްރޮގްރާމް ވަނީ ތަޢާރަފްކޮށްފައެވެ.މީގެ އިތުރުން، ނިމުނު ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް ވަކިވަކިން ކުރިމަތިލުމުގެ ފުރުޞަތާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ކެޓަގަރީއެއްވެސް ވަނީ ހުޅުވާލާފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ނަމުގައިވެސް ފޯމު ހުށަހެޅޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ދިނުމުގެ ގޮތުން، ފޯމު ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މިއީ މި ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *