ބުލީކުރުމާއި ފުރައްސާރަކޮށް ގަނާކުރުމުގެ މައްސަލަތައް މަދުކޮށް އެކަންކަމުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށްޓަކައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، އެކަމުގައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެ ބަދަލުތައްވެސް ގެންނާނެ ކަމުގައި ދާހިލީ ސަލާމަތާއި މަސައްކަަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބުލީގެ ޝިކާރައަކަށްވި އަންހެން ދަރިވަރަކު މި ހަފުތާގައި މަރުވެ، އެކަން ކަންބޮޑުވުން އިންތިހާ އަށް އުފެދިފައި ވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ އެފަދަ މައްސަކަތަކާ ގުޅިގެން ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ނަމަ އެ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ.
ގަނާކުރުމުގެ ކަންކަން ސުކޫލުތަކާއި މުޖުތަމައުގެ ތެރޭގައި ފެތުރިފައިވާއިރު، އެކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްތަކެއް ދާހިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާއި މުޖުތަމައުގެ ތެރޭގައި ކުރަމުންދާދިއުން، މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، އަދި ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު އެޓާނީ ޖެނަރަލްގެ އޮފީހާއެކު މަސައްކަަތްތަކެއް ކުރަމުން." އިހުސާން ވިދާޅުވި އެވެ. "ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި ކަންކަން މިހާރުވަނީ ގޮސްފައި. މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅުއެޅޭ ކަމުގައިވާނަމަ ހަރުކަށި ޖިނާއީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން." އިހްސާން ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި ސަރުކާރުގެ ސްޓޭންޑަކީ އެކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ ޖިނާއީ ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެ ބަދަލުތައް ގެނައުމާމެދުވެސް ސަރުކާރން ވިސްނާނެ ކަމަށެވެ.


