Tuesday, 28 July 2026
ފޮޓޯ:ސަންޑޭޓައިސް

ވީއައިއޭގެ ޓާމިނަލް 2 ކައިރި މަގު، މަރާމާތަށް ބަންދުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް 2 އާއި ބަނދަރާ ދެމެދުގައި އޮންނަ ކަފިހުރަހުގެ ފުރާޅު މަރާމާތުކުރުމަށްޓަކައި، މެންދަމުގެ ވަގުތުތަކުގައި އެ މަގު ބަންދުކުރަން ނިންމައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓާމިނަލް 2 ގެ ކަފިހުރަހުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އަށެވެ. މި ވަގުތުތަކުގައި އެ މަގު ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތާ ގުޅިގެން ގެންނަ ބަދަލުތަކުގެ ތެރޭގައި، ޑޮމެސްޓިކް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ފަސިންޖަރުން ގޮވައިގެން ދާ ޓެކްސީތައް އެ ވަގުތުތަކުގައި މަޑުކުރާނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓް 1 އާއި 2 އަށެވެ. އެ ވަގުތުތަކުގައި ޓާމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މީގެ އިތުރުން، ފަސިންޖަރުން ބޭލުމާއި ނެގުމަށް އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލު ޕާކިންގައި ހުންނަ ބަސްހުއްޓިއަށް އެކަނި ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އިންޓާނަލް ބަސް ރޫޓުތަކަށް ގެނެވޭ ބަދަލުތަކަށް ބަލާއިރު، އޭޓީސީއަށް ދާ ރޫޓު 1 ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓަށެވެ. އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ރޫޓު 2 ގެ ދަތުރުތައް ފަށާނީ ޓާމިނަލް 2 ގެ ބުރު ކުރިމަތިންނެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ، މަގު ބަންދުކޮށް ބައެއް ބަދަލުތައް ގެނައި ނަމަވެސް، އެއާޕޯޓުގެ ބަސް ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މި ބަދަލުތައް ހަމައެކަނި ހިނގާނީ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ކޮންމެ ރެއަކު ދަންވަރު 12:00 އިން ފަތިހު 5:00 އަށް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *