ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލު ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް އިތުރު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ނިންމައިފިއެވެ. މިއީ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރު 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފު ކޮށްދެވޭނެ ކަމަށެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޖޫރިމަނާ މައާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މި މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރާ ކަސްޓަމަރުންނަށެވެ. މީގެ އިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
"މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުން،" އެމްޑަބްލިޔުއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ކަސްޓަމަރ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން އެހީތެރިކަން ލިބޭނެއެވެ. އަދި mail@mwsc.com.mv އަށް އީމެއިލް ކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.


