ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރަމުންދާ ވަތަނީ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ވަނީ ހުޅުވާލާފައެވެ. ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު 21 މެއި 2026 ގެ ނިޔަލަށް އޮންނާނެއެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވައި، ގައުމަށް ފައިދާހުރި ޖީލެއް ބިނާކުރުމަށްޓަކައި ’ދިވެހި ވަތަނީ ހިދުމަތް' ނުވަތަ ނޭޝަނަލް ސާވިސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ތައާރަފުކޮށް، އެކަމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކުގައެވެ. ޕްރޮގްރާމުގައި ބައިވެރިކުރާނީ މެޑިކަލް އެސެސްމަންޓަކުން ފާސްވުމުން ކަމަށާއި، ޕްރޮގްރާމް ކުރިއަށްދާއިރު ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ގާބިލުކަން ނެތްކަމަށް ފެންނަ ފަރާތްތައް ވަކިކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެ ވެ.
މި ތަމްރީނުތަކުގެ ތެރޭގައި ގައުމިއްޔަތު، ދީނީ ތައުލީމު، ލީޑަޝިޕް، އަދި އަސްކަރީ ތަމްރީނުތަކުގެ އިތުރުން ފަސްޓް އެއިޑާއި ސެލްފް ޑިފެންސް ފަދަ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެއެވެ. ޕްރޮގްރާމްގެ ބައިވެރިންގެ ހުރުމާއި ކެއުމާއި ބޭސްފަރުވާގެ ހަރަދު ދައުލަތުން ހަމަޖައްސައިދިނުމުގެ އިތުރުން އެކަށީގެންވާ އިނާޔަތެއްވެސް ދޭންޖެހޭނެ ކަމަށް ބިލުގައިވެއެވެ.
ޕްރޮގްރާމްގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށްފަހު، އެއް އަހަރަށްވުރެ ދިގުނުވާ މުއްދަތަކަށް ޔުނިފޯމް އެޅި ހިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މިގޮތުން މަސައްކަތްކުރާނެ ދާއިރާއެއް ކަނޑައަޅާނީ އެކަމަށް ހާއްސަކޮށް އުފައްދާ ގަވަރނިން ކައުންސިލަކުންނެވެ.


