Tuesday, 28 July 2026
މާލިއްޔަތު ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް ބަދަލުތަކެއް ގެނެސް، އެކަން މިއަދުގެ ޖަލްސާގައި އިއުލާނުކޮށްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެ ދެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެދިވަޑައިގަތުމުގެ މަތިންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރެއްވި ގޮތުގައި، 241 ކޮމިޓީން ނާޒިމް ވަކިވެވަޑައިގަތުމުން އެ މަގާމަށް ހަމަޖައްސާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީގައި ނާޒިމްގެ ބަދަލުގައި ދެން އިންނަވާނީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން އެ ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެމްބަރު އަހުމަދު މަމްދޫހުގެ ބަދަލުގައި، އެ ކޮމިޓީގެ މެމްބަރުކަމަށް އަހުމަދު ނާޒިމް ވަނީ އައްޔަންކުރައްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަކީ މި ބަދަލުތަކުގެ އިތުރުން، ދައުލަތުގެ ކުންފުނިތަކާ ގުޅޭ ކަންކަން ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ ވެސް މެމްބަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *