ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި އިސްލާހުތަކުގެ ތެރޭގައި ވަޒީފާދޭ ތަންތަނުގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން މައްސަލަ ބަލަންޖެހޭ އުސޫލުތައް ވަނީ އިތުރަށް ތަފުސީލުކޮށްފައެވެ. އެގޮތުން، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެ ކަމަށާއި، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކޮމިޓީ އެކުލަވާލުމުގެ އުސޫލަށް ގެނައި ބަދަލުގައި، މަދުވެގެން ތިން މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރަން ޖެހޭނެއެވެ. އަދި ކޮމިޓީގައި ދެ ޖިންސުގެ މެންބަރުން ހިމެނުން މި އިސްލާހުން ލާޒިމްކުރެއެވެ. މީގެ އިތުރުން، ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަން ޖެހުނު ނަމަވެސް، އާ އިސްލާހުގެ ދަށުން އެކަން އަންގަން ޖެހޭނީ ހިޔުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ.
ޔުނިފޯމް އެޅި ޚިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި، އެފަދަ ފަރާތްތަކަކީ ބާރުވެރި މަގާމުތަކެއްގައި ތިބޭ ބަޔަކަށްވާތީ، އެ މައްސަލަތައް ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކަށް ބަލަންޖެހޭނެ ކަމަށް ބިލުގައިވެއެވެ. އަދި މިފަދަ ފަރާތްތަކާ ގުޅޭ މައްސަލަތައް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، ޝަކުވާ ބެލުމުގެ އިޖުރާއަތްތައް ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.


