ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރޭ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، ފުލުހުން ބާރުގެ ބޭނުންކޮށް އެ ޕާޓީގެ އާންމު މެންބަރަކަށް އަނިޔާވިކަމަށް ބުނެ ތުހުމަތުކޮށްފައިވަނިކޮށެވެ. އެގޮތުން އަނިޔާވި މީހާ ހަބަރުހުސްވެ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އޭނާ އަށް ފުލުހުންގެ ކަރަންޓު މުގުރުން ހަމަލާ ދިންކަމަށް އެމްޑީޕީ ސެކްރެޓޭރިއަޓުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ޔަގީންކޮށްދެއެވެ.
ފުލުހުން ގެ ބަޔާނުގައި މިފަދަ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފާހަގަކޮށްފައިވެއެވެ. މިހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސް ކޮށްފައި ވެއެވެ.


