ހައްޖަށް ދިއުމަށްޓަކައި އެތައް ބަޔަކު ކިއުގައި ތިއްބާ، ބައެއް ކުންފުނިތަކުން އިނާމުގެ ގޮތުގައި ދޭ ހައްޖު ދަތުރުތަކުގައި ދާ މީހުންނަށް ކިއުއިން ބޭރުން އަވަސް ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން ގުރުއަތުން ހޮވޭ މީހުންނަށް އަވަހަށް ފުރުސަތު ދިނުމަކީ ރާއްޖޭގައި ކުރިއްސުރެ އޮންނަ އާދައެއް ނަމަވެސް، މިހާރު އެކަން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ކުންފުނިތަކަށް ދޫކޮށްފައިވަނީ ވަރަށް މަދު ފުރުސަތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ވެސް ޝަހުސީކޮށް ގަބޫލުކުރާ ކަމެއް ނޫން އެއީކީއެއް. ކިއުގައި އެހާ ގިނަ މީހުން ރަޖިސްޓްރީ ވެފައި ތިއްބާ، ކުއްލިއަކަށް މިގޮތަށް އަންނަ ފުރުސަތުތަކަށް ޖާގަ ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލެއް ނުކުރަން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުންފުނިތަކުން މުވައްޒަފުންނަށް ދޭ ހައްޖު ދަތުރުތައް ވެސް ކުރިއަށް ގެންދަންވާނީ ކިއުއަށް އަރައިގެން ކަމަށެވެ. އެގޮތުން ކުންފުނިތަކުން މުވައްޒަފުންނަށް ފައިސާ ދައްކައިގެން ކިއުއަށް އެރުވުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި، ކޮންމެ މީހަކު ވެސް ވީހާވެސް އަވަހަކަށް ކިއުގައި ރަޖިސްޓްރީވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން، ދެމަފިރިން އެކުގައި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ނަމަ، އެކުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އަދި ސައުދީ އަރަބިއްޔާއިން ކޯޓާ އިތުރުކޮށްދޭ ހާލަތެއްގައި ރާއްޖެއަށް އިސްކަންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.


