ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މާލޭގައި ހުންނަ މަޖުދުއްދީން ދަނާލުގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން، ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ މަރްޔަމް ހާސިދާ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ ރޭ ފަތިހު 02:30 ހާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނެފައިވަނީ 18 އަހަރުގެ އަންހެނަކު މަރުވި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި، މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މިފަދަ މައުލޫމާތު ފެތުރުމަކީ މަރުވި ކުއްޖާގެ އާއިލާއަށް ލިބޭ ހިތްދަތިކަމެއްގެ އިތުރުން، ފުލުހުން ހިންގާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެކެވެ.
ފުލުހުންގެ އިލްތިމާސްގައި ބުނެފައިވަނީ، "ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުވި ފަރާތުގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށްވާނެ ކަމަށާއި އަދި މިއީ ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް" ކަމަށެވެ. އެހެންކަމުން، މި ހާދިސާއާ ގުޅޭގޮތުން ސައްހަކަން ކަށަވަރުނުކުރެވޭ އެއްވެސް މައުލޫމާތެއް ނުފެތުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.


