ލ. ހިތަދޫގައި މޫދަށް އެރި މަސް ހިފަން އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާއެއް ހިނގައި، އުމުރުން 22 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ހިތަދޫ ކައުންސިލަރު ޢަބްދުލްވާޙިދު އިދުރީސް ވިދާޅުވީ، އެ ޒުވާނާ މަރުވާން މެދުވެރިވީ މަސް ހިފަން އުޅުމުގެ ތެރޭގައި، މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ގަލެއްގެ ތެރޭގައި އަތް ތާށިވުމުގެ ސަބަބުން ކަމަށެވެ.
"ވީގޮތަކީ މަސް ހިފަންވެގެން އުޅުމުގެ ތެރޭގައި ގެންގުޅުނު ނަނު ގަލުތެރެއަށް މަހާ އެއްކޮށް ހިފީމަ، ގެންގުޅުނު ދަގަނޑަށް މަސް ވަދެގެން ދިޔަ ގަޑީ އަތުގައި ބެދިގެން ގަލުގަ ތާށިވީ،" ހާދިސާ ހިނގި ގޮތް ތަފްސީލުކޮށްދެއްވަމުން ކައުންސިލަރު ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:42 ހާއިރުއެވެ. އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތަދޫގެ ރައްޔިތުން ތިބީ ފުން ހިތާމައެއްގައެވެ.


