Tuesday, 28 July 2026
ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް----ފޮޓޯ: މަޖިލިސް

މަޖިލީހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އިން، ނައިބު ރައީސް ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ. މަޖިލީހުގެ ރަސްމީ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު އެ ދެ ކޮމިޓީގެ މެންބަރުންގެ ލިސްޓުގައި ނާޒިމްގެ ނަމެއް ނެތެވެ.

މަޖިލީހުގެ ވެބްސައިޓުން އެނގޭ ގޮތުގައި 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އޭނާގެ ބަދަލުގައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ. ނަމަވެސް ނާޒިމް މިހާރު ވެސް ހިމެނިވަޑައިގަންނަވާ ދައުލަތުގެ ކުންފުނިތަކާ ގުޅޭ ކަންކަން ބަލާ އެސްއޯއީ ކޮމިޓީން އޭނާ ވަކިކުރި ކަމަކަށް ވެބްސައިޓަކުން ނުދައްކައެވެ.

މި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ނާޒިމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މި ބަދަލު ގެނައި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވެސް މި ބަދަލު އިއުލާނުކޮށްފައި ނުވާއިރު، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހްގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ނާޒިމަކީ މިހާތަނަށް މަޖިލީހުގެ ކޮމިޓީތަކުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި މެންބަރެކެވެ. ހާއްސަކޮށް މާލިއްޔަތު ކޮމިޓީގެ ގިނަ މަސައްކަތްތަކެއްގައި އޭނާ އިސްކޮށް އުޅުއްވިއެވެ. އޭގެ ތެރޭގައި ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މައްސަލަތައް ބެލުމުގައި ވެސް އޭނާ އިސްވެ ހުންނެވިއެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މީގެ ކުރިން ވެސް ސިޔާސީ އެކި ސަބަބުތަކާ ހުރެ ޕާޓީތަކުން ބަދަލު ގެނެސްފައިވެއެވެ. އެގޮތުން މީގެ ކުރިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ވަކިކުރިއެވެ. އެއީ ސަރުކާރުގެ ސްޓޭންޑާ އެއްގޮތަށް ބައެއް ބިލުތަކަށް ވޯޓު ނުދެއްވި މައްސަލައެއްގައި ނަމަވެސް، ފަހުން އޭނާ ވަނީ އަލުން އެ ކޮމިޓީތަކަށް އައްޔަންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *