Tuesday, 28 July 2026
ފޮޓޯ:ރައީސްއޮފީސް

އައިޕީޔޫގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. ތުރުކީވިލާތުގެ އިސްތަންބުލަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި އަމީން އާންމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ވަނީ އައިޕީޔޫގެ އެސެމްބްލީގައި ތަޤްރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުގެ ޒިންމާ ބޮޑު ކަމަށް ވިދާޅުވިއެވެ.

އައިޕީޔޫގެ މިއަހަރުގެ އެސެމްބްލީ ބާއްވާފައިވަނީ "އަންނަން އޮތް ޖީލުތަކަށްޓަކައި އުންމީދު އާލާކޮށް، ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން" މި މައުޟޫޢުގެ ދަށުންނެވެ. މި މައުޟޫޢަށް އަލިއަޅުއްވާލައްވަމުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އުންމީދުތަކަށް ނަތީޖާ ނެރެވޭ ފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި އަދި ބަޖެޓުތައް ބަދަލު ކުރުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.

އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *