މިފްކޯއަށް މަސްކިރުވި 50 ދޯންޏަކަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ މަސްވެރިން ބާނާ މަހަށް ގަވާއިދުން ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކިރުވި ކަޅުބިލަމަހާއި ބޮޑުކަންނެލީގެ ފައިސާއެވެ.
މިފްކޯ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖުމްލަ 4,025,398.00ރ. (ހަތަރު މިލިއަން ފަންސަވީސް ހާސް ތިން ސަތޭކަ ނުވަދިހަ އަށް ރުފިޔާ) ވަނީ މަސްދޯނިފަހަރަށް ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 48 ދޯންޏަކަށް ދޫކުރި 4,007,088.00ރ. އާއި، ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް ދޫކުރި ފައިސާއެވެ.
ބޮޑުކަންނެލީގެ ތަފްސީލަށް ބަލާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 6 ދޯންޏަކަށް 2,760ރ. ޖަމާކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 8 ދޯންޏަކަށް 15,550ރ. ވަނީ ޖަމާކޮށްދީފައެވެ. މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާގެ ދަރަނި ވަނީ އެއްކޮށް ޚަލާޞްކޮށްފައެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ސަރުކާރުން އަންނަނީ މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންނެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަކީ ރައީސް މުޢިއްޒުގެ މުހިއްމު ވައުދުފުޅަކަށްވާއިރު، މިދިޔަ ޖަނަވަރީ މަހުން ފެށިގެން އެ ކުންފުނިން އަންނަނީ ކަންނެލި ކިރުވަމުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްކިރުވާ މިންވަރާއި ބޭރުކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.


