ސައޫދީ ޢަރަބިއްޔާގެ އެންމެ ބޮޑު ލޯކޮސްޓް އެއާލައިން ކަމަށްވާ ފްލައިނަސްގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ސައޫދީގެ ރިޔާދުން ރާއްޖެއަށް ކުރާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 3 ވަނަ ދުވަހުއެވެ. މިއީ މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ފްލައިޓްތައް މެދުކަނޑާލި ނަމަވެސް، ސަރުކާރުގެ މަސައްކަތުން އެމިރޭޓްސް، ގަތަރު އެއާވޭސް، އިއްތިހާދު، ފްލައި ދުބާއީ އަދި އެއާ އަރަބިއާގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ. ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އެހެން ގައުމުތަކަށްވެސް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމާއި އެއާލައިންތަކުގެ އަދަދުތައް ނިސްބަތުން އިތުރުވަމުންދާ ކަމަށެވެ.
"އަޅުގަނޑަށް އެޑިޝަނަލް ކެރިއަރަސްއެއް ގޮތުގައި ފާހަގަވެފައިއޮތަސް މިހާރު އޮޕަރޭޓްސް ކުރަމުންދާ އެއަރލައިންސްތަކުގެ ތެރެއިން ޓާރކިސް އެއިރޯފްލޮޓް މީގެ ވެސް ފްރިކުއެންސީ އިތުރު ކުރެވިގެން ގޮސްފި. އޭގެ އިތުރަށް ފްލައިނަސް އެއަރލައިންއިން މިހާރު ފަށަން އެ ތައްތާރުވަނީ ރިޔާދުން ފެށިގެން 3 މެއިން ފެށިގެން. ބެލާވިއާގެ އެއަރލައިންގެ ޗާރޓާޑް ޕްރޮގްރާމް އޮގަސްޓުމަހު ފެށިގެންދާނެ" ވަޒީރު އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އެއިރޯފްލޮޓް އަދި ޓާކިޝް އެއާލައިންގެ ދަތުރުތައް އިތުރުކޮށްފައިވާއިރު، ބެލާވިއާ އެއާލައިންގެ ޗާޓަރު ދަތުރުތައް އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރަނީ އޭޝިއާ ސަރަޙައްދުގެ އެއާލައިންތަކެވެ. އެގޮތުން އޭޝިއާގެ 16 އެއާލައިނަކާއި، ޔޫރަޕްގެ 13 އެއާލައިނެއްގެ އިތުރުން މެދުއިރުމަތީގެ 6 އެއާލައިނަކުން މިހާރުވެސް ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.


