Tuesday, 28 July 2026
ތިލަމާލެ ބްރިޖު----ފޮޓޯ: މެންދުރުޓީވީ

ތިލަމާލެ ބުރިޖުގެ މަޝްރޫއު ހަލުވި ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެން: ރައީސް

މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލުމަށް ކުރިއަށްގެންދާ "ތިލަމާލެ ބުރިޖު" މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ދުވެއްޔާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޝްރޫއުގެ ދުވެލި ހަލުއިކުރުމަށް ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

މި މަޝްރޫއަކީ ކުރީގެ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ނަގައިގެން، އިންޑިއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. ނަމަވެސް، މަސައްކަތް ލަސްވުމުގެ ސަބަބުން ކުރީ ސަރުކާރުން ވަނީ އިތުރު 100 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓަށް އިތުރުކޮށްފައެވެ. މަޝްރޫއުގެ ކޮންޓްރެކްޓަރު އެކި ފަހަރު މަތިން އެކި މުހުލަތުތައް ދެމުންދާއިރު، މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ނުދާކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑެވެ.

ބުރިޖުގެ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "ހަގީގަތުގައި ވަރަށް ލަސް ކުރިއަށްދާލެއް، އެކަމަކު ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްވިއްޔާ ކޮށްދެމުން. މިދޭތެރެއިން މުއްދަތު އިތުރުކޮށްދޭން ވަރަށް ބޮޑަށް އެދިގެން ވަރަށް ބޮޑަށް ބަލާފައި މުއްދަތު އިތުރުކޮށްދީފިން. ހަމަ ޔަގީނުންވެސް އަޅުގަނޑު ހިތްހަމަނުޖެހޭ ދާ ސްޕީޑާ ދޭތެރޭ،" ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ބުރިޖުގެ މަސައްކަތް ނިމޭނެ ތާރީހެއް ހާމަކުރެއްވި ނަމަވެސް، އެ ތާރީހަށް މަސައްކަތް ނުނިމުމުގެ ސަބަބުން މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ ވާހަކަ ހިމަނުއްވާފައެއް ނުވާނެއެވެ. ކުރިން 2026 ވަނަ އަހަރު ނިމޭނެ ކަމަށް ބެލެވުނު މި މަޝްރޫއު މިހާރު ނިމޭނެ ކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގައެވެ.

މަޝްރޫއުގެ އަސްލު ތާވަލުގައި އޮތީ މިއަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލުމަށްފަހު، 2027 ގެ ކުރިން ގުޅިފަޅާއި ތިލަފުށި ގުޅުވައިލުމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫއު ނިމިގެންދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށާއި، މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ތަނުގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *