ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ދެ ސެގްމަންޓެއް ދިމާނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ފޮޓޯތަކާ ގުޅިގެން، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން އެކަން ދޮގުކޮށްފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި ބްރިޖުގެ އޮނިގަނޑު ހުރީ އިންޖިނިއަރިން ކުރެހުންތަކާ އެއްގޮތަށް "ފުރިހަމައަށް އެލައިން ކުރެވިފައި" ކަމަށާއި، ފޮޓޯއިން ފެންނަ ފަރަގަކީ ކެމެރާގެ އޭންގަލާއި މަންޒަރު ފެންނަ ގޮތުން އަރާ އޮޅުމެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ބްރިޖުގެ ދެ ބައި ވަކިވެފައި ހުރިހެން ހީވުމާ ގުޅިގެން، މަސައްކަތުގެ ފެންވަރާ މެދު ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް އެފްކޮންސް އިން ބުނީ ކަނޑުމަތީގައި ކުރިއަށްދާ މިފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ބްރިޖުގެ ބޮޅުތަކާއި، އުސްމިނުގެ ތަފާތުތަކުގެ ސަބަބުން ވަކި އޭންގަލްތަކުން ފޮޓޯ ނެގުމުން އެލައިންމަންޓް ކަސިޔާރުވެފައި ހުރިހެން ހީވެދާނެ ކަމަށެވެ.
Bridge is perfectly aligned as per its drawings. In the next few days you shall see the connection happening. This tweet is misleading and uses visual angle mischievously to create a wrong impression.
— Afcons Infrastructure Limited (@AFCONSOfficial) April 19, 2026
ކޮންޓްރެކްޓަރު ހާމަކުރި ގޮތުގައި ބްރިޖުގެ މަސައްކަތް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުހަލާއެއްގައެވެ. ސެގްމަންޓްތައް ގުޅުވުމުގެ މަސައްކަތް ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، އިންޖިނިއަރުން މިހާރު މަސައްކަތް ކުރަމުންދަނީ ދެ ސްޕޭން ގުޅުވާލުމުގެ އެންމެ ފަހުގެ މަރުހަލާތަކުގައެވެ. މިއީ ވަރަށް ބޮޑަށް ބަލައިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ދާއިމީކޮށް ގުޅުވާލުމުގެ ކުރިން ވަގުތީ ފަރަގުތަކެއް ހުރުމަކީ އާންމު ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެފްކޮންސް އިން އިތުރަށް ފާހަގަކުރި ގޮތުގައި، މިހާރު ފެންނަން ހުރި ދެ ސެގްމަންޓް ގުޅުވާލުމުގެ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެއެވެ. އެ މަސައްކަތް ނިމުމުން ބްރިޖުގެ ޑެކް ފެންނާނީ އެއްވެސް މެދުކެނޑުމެއް ނެތް ސަރަހައްދެއްގެ ގޮތުގައެވެ. މިއާއެކު މިހާރު އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ވިޝުއަލް ފަރަގު ނެތިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މަޝްރޫއުގެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށްދާއިރު، ތަނބުތައް ޖެހުމާއި، ސެގްމަންޓްތައް ހަރުކުރުމުގެ މުހިންމު މަރުހަލާތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޑެކް ބަންދުކުރުމާއި، މަތީ ފަށަލަ ނިންމުމުގެ މަސައްކަތްތަކެވެ. އެފްކޮންސް އިން ވަނީ ކަންބޮޑުވުން އުފެދޭ ފަދަ ފޮޓޯތަކަށް ބަރޯސާވުމުގެ ބަދަލުގައި ރަސްމީ އިދާރާތަކުން ދޭ މައުލޫމާތަށް އިތުބާރު ކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.


