Tuesday, 28 July 2026
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލު އާއި، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް

ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކޮށް، އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު!

ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރާއްޖޭގެ ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށާއި، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިއުލާނުކުރައްވައިފިއެވެ. މި ދެ ބޭފުޅުން އެކުގައި ބޭއްވި 'ބޮޑު ބަދަލު' ނޫސްވެރިންގެ ބައްދަލުވުމުގައި، ގައުމުގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މި ބައްދަލުވުމުގައި ފައްޔާޒް އިސްމާއިލް ވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެންނަ މުހިންމު ބަދަލުތަކެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން، ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ބޮޑު ބަދަލު ގެނައުމަށްޓަކައި ފައްޔާޒް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މި ބަދަލުތަކަށް އެމްޑީޕީގެ ތާއީދު ހޯދުމަށްޓަކައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ގަސްތުކުރައްވާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ބަދަލުތަކަކީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލުތަކެއް ނޫނެވެ. އެހެންކަމުން، މިހާރުން މިހާރަށް މިކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް އެ މަނިކުފާނު ވަނީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. މި ވިސްނުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ ކަމަށް ނަޝީދު އިއުލާނުކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *