ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަދިވެސް އަޅަމުންދާނޭކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މާލީ ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ މަޝްރަހު މިވަގުތު ހުރިގޮތަށް ބަލައި ދައުލަތުގެ ހަރަދުތައް އިސްލާހްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަމުން ގެންދާކަމަށެވެ. އެގޮތުން ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ދައުލަތަށް ލިބޭ އާމްދަނީއަށް ކުރާ އަސަރާއި، ބޭރު ފައިސާ ބޭރުވާ މިންވަރު އިތުރުވުމާ ގުޅިގެން، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް ކުޑަކުރުމަށްޓަކައި ހަރަދުކުޑަކުރުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަރަދުތައް އިސްލާހް ކުރެވޭނެ ގޮތްތައް ބަލައި ބައެއް ހަރަދުތައް ކުޑަކުރުމަށް މިހާރުވެސް ދިރާސާ ކުރަމުން އަންނަކަމަށެވެ. އަދި އާމްދަނީ މަދުވުމާއި، ރިކަރަންޓް ޚަރަދު އިތުރުވުމާއި، ރިޒާވުން ފައިސާ ބޭރުވާ މިންވަރު އިތުރުވުމުގެ ސަބަބުން އުފެދިފައިވާ ފަރަގު ކުޑަކުރުމަށްޓަކައި ޚަރަދުތައް އެކަށޭނަ މިންވަރެއްގައި ބެހެއްޓުން މުހިންމުކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ބަޖެޓު ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރެވެމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މާލީ ދާއިރާ މެދުވެރިކޮށް ބޭރު ފައިސާއިން ކުރާ ޚަރަދުތަކާއި ބޭރު ފައިސާ ބޭރުވާ މިންވަރު މެނޭޖުކުރުމުގެ ސިޔާސަތުތައްވެސް މުރާޖަޢާ ކުރަމުންދާކަމަށެވެ.
މާލީ ވުޒާރާއިން ލަފާކުރާގޮތުގައި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއެކު، މިހިނގާ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ ތެލުގެ ސަބްސިޑީއަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އެހެންކަމުން މި ހާލަތާ ގުޅިގެން ހުށަހެޅިފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ދައުލަތުގެ ކޭޝް ފްލޯއާއި، ބަޖެޓާއި އަދި ރިޒާވަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.


