ބ. ކެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅުދޫގައި ބަޔަކު ވެލާ ފެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ފަރާތުންނެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިކަމުގައި ބައިވެރިވި މީހުންގެ އަދަދާއި، އެކަން ހިނގާފައިވާ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ބަޔޮސްފިޔާ ރިޒާވް އޮފީހުން ދަނީ މިފަދަ ތިމާވެށީގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން 2023 ވަނަ އަހަރުވެސް ކެންދޫގެ 7 މީހަކު 6 ވެލާ ފަޅައިގެން ކައްކަން ތިއްބާ ފުލުހުން ވަނީ އަތުލައިގަނެފައެވެ. އެ މައްސަލައިގައި ކޮންމެ މީހަކު 198,000 ރުފިޔާއިން ޖޫރިމަނާ ކުރި ނަމަވެސް، ފައިސާ ނުދެއްކުމުގެ ސަބަބުން ފަހުން އެ އަދަދު ވަނީ 33,000 ރުފިޔާއަށް ކުޑަކޮށްފައެވެ.
ދިވެހިރާއްޖޭގައި ވެލަ އާއި ކަހަނބަކީ ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ތަކެއްޗަށް ވީނަމަވެސް، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވެލާ މަސް ކެއުމުގެ އާދަ އަދިވެސް އޮންނަކަން ފާހަގަކުރެވެއެވެ. ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެލާ ކަހަނބަށް ގޯނާކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.


