ދައުލަތުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކު "ބޮޑު ބަދަލު" ނަމުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބޮޑު ބަދަލާއެކު، ދައުލަތުގެ އެންމެ އިސްވެރިއަކަށް ފައްޔާޒު އިސްމާއީލް ގެންނަން އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. "މި ބޮޑު ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް"، ނަޝީދު ވިދާޅުވިއެވެ.
އެފަދަ ވެރިކަމެއްގައި އެމަނިކުފާނުގެ ދައުރަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ނަޝީދުގެ ވާހަކަފުޅާއި މިއަދު ހުށަހެޅުއްވި ބަދަލުތަކުގައި ބޮޑަށް ބާރުއަޅުއްވާފައިވަނީ ބޮޑުވަޒީރަކާއި ރައީސަކު ހުންނަވާ ގޮތަށް ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރުމަށެވެ.


