Tuesday, 28 July 2026
އޮސްޓްރޭލިއާއިން ރާއްޖެއަށް ދޭން ނިންމި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކޮށްފި: ފޮޓޯ: މެތިއު ލަޔާލް

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓު އެމްއެންޑީއެފް އާ ހަވާލުކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ހާއްސަ ބޯޓު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ އާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އެވެ. މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާންކުރެއްވި އުޅަނދެކެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، "މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއް" ކަމަށެވެ. ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ ވަނީ ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރަށް ހަމަޖައްސަވާފައިވާ ކޮމާންޑިންގ އޮފިސަރާއި ސިފައިންގެ އޮފިސަރުން ވަނީ ބޯޓަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ. އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު މާލެ ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.

މި އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން، އުޅަނދަށް ހާއްސަކޮށްފައިވާ ދިވެހި ސިފައިންގެ ކްރޫން އޮސްޓްރޭލިއާގައި ހާއްސަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *