މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގައި ތެޔޮ ލިބުން ދަތިވެ، ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ މަސްދޯނިތަކަށް ހެޔޮ އަގުގައި 1.1 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ. ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މި ދަތި ވަގުތުގައިވެސް ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އެގޮތުން މިހާތަނަށް ޖުމްލަ 958 މަސްދޯންޏަކަށް 1.1 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަސްވެރި އުޅަނދުތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބި، މަސްވެރިކަމަށް ނިކުތުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫންނެވެ. ދެން އެންމެ ގިނައިން ތެޔޮ ދޫކޮށްފައިވަނީ އައްޑޫ ސެންޓަރުން ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިފްކޯއިން މިހާރު ޑީސަލް ވިއްކަމުންދާ އަގުތަކަށް ބަލާއިރު، އެ ކުންފުންޏަށް މަސްކިރާ ދޯނިތަކަށް ލީޓަރެއް ވިއްކަނީ 16.54 ރުފިޔާއަށެވެ. އަދި ބައެއް ހާލަތްތަކުގައި މިއަށްވުރެ ހެޔޮ އަގުގައިވެސް ޑީސަލް ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ. އާންމު ރައްޔިތުންނަށް މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


