ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅޭ މައްސަލައިގެ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ. މިކަން ޕީޖީ އޮފީހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމުގައި ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަށް އެ އޮފީހަށް ހުށަހެޅުމަށް ފުލުހުންނަށް ވަނީ އަންގާފައެވެ. މި މައްސަލަ އަވަސްކުރުމަށް ފުލުހުންގެ އިދާރާއަށް އަންގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ.
2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން މި ބޮމުގެ ގޮވުމާއެކު ރައީސް ނަޝީދު ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ ގިނަ ގަޑިއިރުތަކެއް ވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒަރ ފުއްތަކާއި ދަގަނޑު އެތިކޮޅުތައް ވަދެ، ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ.
މި ހާދިސާ ހިނގާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އޭޑީކޭގައި ދިން ފަރުވާއަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ވަނީ ޖަރުމަނުވިލާތަށާއި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
މި މައްސަލައިގައި މިހާތަނަށް ބައެއް މީހުންގެ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ. އެގޮތުން އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އަބްދުﷲ އަލީ މަނިކު ވަނީ 5 އަހަރަށް ޖަލަށްލާފައެވެ. ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހަމައެހެންމެ، ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ތިބި ފަރާތްތަކާއި ފަންޑުކުރި މީހުން ހޯދުމުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.


