ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ.
ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރު ކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި ދެ މީހުންގެ ތެރެއިން ޢަލްޔާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއަށް އައިސް އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ.
މި މައްސަލައިގައި ހިމެނޭ ދެވަނަ މީހާ، ރޫނާ ހައްޔަރުކޮށްފައިވަނީ ހަމަ އެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.
މި މައްސަލައަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައަކަށްވާއިރު، އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


