ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފިއެވެ.
މިކަމާ ގުޅިގެން ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް މި މަހުގެ 17 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި، ފައިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތައް މާލީ ގޮތުން ބާރުވެރިކުރުވައި، އިސްރާފު ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް ބަޔާންކޮށްފައެވެ. މިގޮތުން އެންމެ ބޮޑު ނިންމުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ދީފައިވާ އިރުޝާދެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުން ހިމެނެއެވެ. އަދި އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުމަށް ވެސް އަންގައިފައިވެއެވެ.
މީގެ އިތުރުން، ކުންފުނިތަކަށް މުވައްޒަފުން އައްޔަންކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، 'މެރިޓް ބޭސްޑް' ނުވަތަ ތައުލީމާއި ތަޖުރިބާއަށް ބަލައިގެން މީހުން ހޮވާ އުސޫލު އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މިއީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާބިލު މީހުންނަށް ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ދެކެއެވެ.
"މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ." އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށް ޓަކައި މި ވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.


