Tuesday, 28 July 2026
ވަޒީރު ޝިޔާމް----އެފްބީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުުލުނަސް، މަސްވެރިންނަށް އެ ބުރަ ނުޖައްސާ ސަރުކާރުން މެނޭޖުކުރަމުން މިދަނީ: ވަޒީރު ޝިޔާމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ ބޮޑަށް އުފުލިގެންދިޔަ ނަމަވެސް، ދިވެހި މަސްވެރިންނަށް އެ ބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖުކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ދައުރު" އިން ޝާއިއުކުރި ހަބަރަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަގީންކުރާ އެންމެ މުހިންމު އެއް ކަމަކީ ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް މަސްވެރިންނަށް އެކަމުގެ ބުރަ ނުޖައްސާ ސަރުކާރުން ކަންކަން ހަމަޖައްސަމުންދާ ދިއުން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. "ނޫހުގައި މިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވާލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ،" ނޫހުގެ ހަބަރަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިކަންވެސް ރަނގަޅުވަމުންދާ ކަމަށާއި، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންގެ ކަންކަން މި ހާލަތުގައިވެސް ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށް، ދާއިީ ހައްލުތަކެއް ހޯދުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *