Tuesday, 28 July 2026

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް އިސްތިއުފާ ދެއްވައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް މިއަދު އިސްތިއުފާދެއްވައިފިއެވެ.

މުއާޒް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮންގްރެސް ޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް ހާމަކުރައްވާފައެވެ. އޭނާ މި މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ، މަގާމުން އިސްތިއުފާދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.

މުއާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން އެ މަޤާމުން އެކަހެރިވެވަޑައިގަތީ ކަމަށެވެ. މުއާޒް ވަނީ ޕާޓީގެ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގައި މިހާރު 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިއްބަވައެވެ. 74,000 އަށްވުރެ ގިނަ މެންބަރުންނާއިއެކު ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *