Tuesday, 28 July 2026
އީރާނުން އަނެއްކާވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި....ފޮޓޯ:ދި އަރަބް ނިއުސް

އީރާނުން އަނެއްކާވެސް ހޮރްމުޒް ކަނޑުއޮޅި ބަންދު ކޮށްފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް "ނޭވަލް ބްލޮކޭޑް" އެއް ހިންގަމުންދާތީ، ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި އީރާނުން އަލުން ބަންދުކޮށްފިއެވެ. އީރާނުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނީ، ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން ހަރުދަނާކޮށްފައިވާ ކަމަށާއި، މި ނިންމުން ނިންމީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް ހުރަސްއަޅަމުންދާތީ ކަމަށެވެ.

ހަތް ހަފްތާގެ މެދުކެނޑުމަކަށްފަހު އިއްޔެ މި ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އީރާނުގެ ހާތަމް އަލް-އަންބިޔާ އަސްކަރީ ކޮމާންޑުން ބުނީ މިހާރު ހާލަތު އޮތީ ކުރިން އޮތް ބަންދު ހާލަތަށް ބަދަލުވެފައި ކަމަށެވެ. "އެމެރިކާއިން އީރާނަށް ދަތުރުކުރާ އަދި އީރާނުން ފުރާ އުޅަނދުތަކަށް ފުރިހަމަ މިނިވަންކަން ނުދެނީސް، ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ އަސްކަރިއްޔާގެ ހަރުކަށި ކޮންޓްރޯލްގެ ދަށުގައި،" ތަރުޖަމާނު ވިދާޅުވިއެވެ.

މި ކަނޑުއޮޅިއަކީ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު، އިސްރާއީލާއި ލުބުނާނާ ދެމެދު ވީ ސުލްހައިގެ އެއްބަސްވުމަކާއެކު އިއްޔެ ހުޅުވާލި ތަނެކެވެ. ނަމަވެސް، ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރަން ފެށިތަނާހެން އީރާނުން މިވަނީ އަލުން ދަތުރުތަކަށް ހުރަސްއަޅާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ސުލްހައިގެ އެއްބަސްވުމަކަށް ނާދެވެނީސް އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި ބޭއްވުން ކުރިއަށްދާނެ ކަމަށެވެ. މިއަށް ރައްދު ދެމުން އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއިން ހިންގަނީ "ކަނޑުފޭރުމުގެ އަމަލުތަކެއް" ކަމަށް ސިފަކޮށްފައެވެ. އަދި އެމެރިކާއިން ބްލޮކޭޑް އުވާނުލާ ނަމަ ކަނޑުއޮޅި ހުޅުވާފައި ނުބޭއްވޭނެ ކަމުގެ އިންޒާރު އީރާނުގެ ޕާލަމެންޓުގެ ރައީސް ވެސް ވަނީ ދެއްވާފައެވެ.

ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މި މަގު ބަންދުވުމުގެ ބިރު ބޮޑުވުމާއެކު، ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިއްޔެ ކަނޑުއޮޅި ހުޅުވާލި ކަމުގެ ޚަބަރާއެކު ތެލުގެ އަގު 11 އިންސައްތައަށް ވެއްޓުނު ނަމަވެސް، އަލުން ބަންދުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރިވެރިންގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

މިހާރު އޮތް ހާލަތުން، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ދެން ދަތުރުކުރަން ޖެހޭނީ އީރާނުގެ ހުއްދަ ހޯދައިގެންނެވެ. މިއީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *