އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި، ކިއުތައް ބަންދުކުރަން ގަޑިއިރަކަށް ވެފައިވަނިކޮށް (މެންދުރުފަހު 3:00 އާ ހަމައަށް) ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63.88 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 6,093 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބުގައި މެންދުރުފަހު 3:00 އާ ހަމައަށް ވޯޓުލާފައިވަނީ 3,892 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 1,924 އަންހެނުންނާއި 1,968 ފިރިހެނުންނެވެ. އެ ވަގުތާ ހަމައަށް ވޯޓު ނުލާ ތިބީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 36.12 އިންސައްތަ ނުވަތަ 2,201 މީހުންނެވެ.
އިންތިހާބު ކުރިއަށްދާ ދާއިރާތައް
މި އިންތިހާބު ކުރިއަށްދަނީ ފަސް ދާއިރާއެއްގެ ފަސް މަގާމަކަށް މީހުން އިންތިހާބު ކުރުމަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް ގޮނޑިއާއި، ބ. ދޮންފަނު ކައުންސިލް ގޮނޑީގެ އިތުރުން ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކެވެ. މި އިންތިހާބަށްޓަކައި ޖުމްލަ 6,172 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.
ވޯޓުލުމުގެ އިންތިޒާމުތަކަށް ބަލާއިރު، ރަށްރަށާއި މާލެ ހިމެނޭހެން ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. މާލޭގައި ދިރިއުޅޭ މި ދާއިރާތަކުގެ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައި ޖުމްލަ 6 ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ކެލާ ދާއިރާއިން (1,729 މީހުން) ކަމަށްވާއިރު، އެންމެ މަދީ ދޮންފަނު ދާއިރާއިން (441 މީހުން) ނެވެ. މި އިންތިހާބަކީ ކުރިން ބޭއްވި އިންތިހާބުގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުގެ ސަބަބުން ނަތީޖާ ކަށަވަރު ނުކުރެވުނު ދާއިރާތަކުގެ ނަތީޖާ ކަށަވަރު ކުރުމަށް ބާއްވާ އިންތިހާބެކެވެ.


