އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި، މުދާ އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވައިލާފައިވާ ކަން އިޢުލާންކުރުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގުތައް ވެއްޓެން ފަށައިފިއެވެ. ޞަހްޔޫނީންނާ ގުޅިގެން ފެބުރުވަރީ 28 ގައި ފެށި މި ހަނގުރާމަ އެޕްރީލު 8 ގައި ވަގުތީ ގޮތުން މެދުކަނޑައިލުމާ ގުޅިގެން، އީރާނުގެ ދިފާޢުގައި އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ބަންދުކުރި މި މުހިންމު ކަނޑުގެ މަގު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވައިލާފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވި ގޮތުގައި، ލުބްނާނާއި ޞަހްޔޫނީންނާ ދެމެދު ވެވުނު ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި މިހާރު ވަނީ މުޅިން ހުޅުވައިލާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރަމުންދާ ޙިޞާރު ދެމިއޮންނާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ. މި ކުރިއެރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅިގެން ވިލާތުގެ ޤައުމުތަކުން ތިއްބެވީ ވަރަށް ބޮޑަށް ސަމާލުވެފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮންއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ ކަނޑުއޮޅީގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ ސުލްޙަވެރި މިޝަނެއް އެކުލަވައިލުމާ މެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން ކަނޑުއޮޅީގައި ހުރި މައިންތައް ނެގުމާއި ސަލާމަތީ ކަންކަމުގައި އެހީތެރިވާން ޖަރުމަނުން ތައްޔާރަށް އޮތް ކަމަށެވެ.
ނަމަވެސް، އަމަލީ ގޮތުން މި މަގު ބޭނުންކުރާ ނޯވޭ، ޖަރުމަނުވިލާތް އަދި ޑެންމާކުގެ ބޮޑެތި ޝިޕިންގ ކުންފުނިތަކުން އަދިވެސް ކަނޑުއޮޅިން ދަތުރުކުރުމަށް ފަސްޖެހެއެވެ. އެ ކުންފުނިތަކުން ހާމަކުރި ގޮތުގައި، "ކަނޑުއޮޅީގައި މައިން ހުރެދާނެ ކަމުގެ ބިރާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، އެ ސަރަޙައްދަކީ ދަތުރުފަތުރަށް އަދިވެސް ރައްކާތެރި ތަނެއް ކަމުގައި ނުދެކޭ" ކަމަށެވެ. އަދި ދަތުރުތައް އަލުން ފެށުމުގެ ކުރިން މަސްރަޙު އިތުރަށް ދިރާސާކުރާނެ ކަމަށް ވެސް އެ ކުންފުނިތަކުން ބުނެފައިވެއެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މުހިންމު ސަރަޙައްދަކަށް ވާއިރު، މި ތަނުގެ ސަލާމަތީ ކަންކަމާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަޤުވާމީ އިޤްތިޞާދަށް އޭގެ އަސަރު ކުރަމުންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.


