މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީ ވެބްސައިޓެއް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ. މި މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި މި ޚިދުމަތް، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދިނުމަށްފަހު، މިހާރު ވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތަކަށް ބަދަލުކޮށްފައެވެ.
ޓެކްސީ ބުކްކުރުމަށް ބޭނުންވާ ފަރާތްތަކަށް http://mtl.mtcc.mv ވެބްސައިޓް ނުވަތަ ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް މިހާރު ޚިދުމަތަށް އެދެވޭނެއެވެ. ވެބްސައިޓުން ބުކްކުރާ ފަރާތްތަކަށް ސީދާ ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ހޮޓްލައިން މެދުވެރިކޮށް ބުކްކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޕޭމަންޓް ލިންކެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުތަކަށް ކަނޑައެޅިފައިވާ އަގުތައް
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ 30 ރުފިޔާއެވެ. ނަމަވެސް މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ކުރާ ދަތުރުތަކަށް 100 ރުފިޔާ ނަގާނެއެވެ. މީގެ އިތުރުން، ހުޅުލެއަށް ކުރާ ދަތުރުތަކުގެ އަގު އުޅެނީ 70 ރުފިޔާއާއި 85 ރުފިޔާއާ ދެމެދުގައެވެ.
މި ޚިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮނިޓަރކުރެވޭ ޚިދުމަތަކަށްވާތީ، މަގުމަތިން އަތްނަގައިގެން މި ޓެކްސީތަކުން ދަތުރުތަކެއް ނުނަގާނެއެވެ. އެމްޓީސީސީން ފާހަގަކުރާ ގޮތުގައި މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިތުބާރު ހުރި ޚިދުމަތެއް ލިބިގެންދާނެއެވެ.
ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތަށް ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.


