މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުންނެވެ. މި މީހުން އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، މިފަދަ ފަރާތްތަކުން ހިންގާ ގާނޫނާ ހިލާފު ވިޔަފާރިތަކާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ބޮޑު އޮޕަރޭޝަންގެ ދަށުން، މިއިން ޒަމާނެއްގައި ނުހޯދޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ.
ރާއްޖޭގައި އާންމުވަމުންދާ އިސްލާމްދީނާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގޮތުން، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ޖުވާކުޅުމަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ.


