ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މި އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން މިހާރު ހުރިހާ މަރުކަޒެއްގައިވެސް އޮމާންކަމާއެކު ކުރިއަށްދެއެވެ.
މިއަދު ކުރިއަށްދާ ވޯޓުލުން ފެށިފައިވަނީ ހެނދުނު 8:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މި ބުރުގައި ޖުމްލަ ފަސް ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު ކުރިއަށްދަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް މެންބަރުން ހޮވުމަށެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށްދަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރު ކަމުގެ މަގާމަށެވެ.
މި އިންތިހާބަށްޓަކައި ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އިންތިހާބު ބާއްވާ ރަށްރަށުގެ އިތުރުން މާލޭގައި ބަހައްޓާފައިވާ ފޮށިތަކެވެ. ތަފްސީލަށް ބަލާއިރު، ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ކޮންމެ ރަށެއްގައި ދެ ފޮށި ބަހައްޓާފައިވާއިރު، ނޭކުރެންދޫ އަދި ދޮންފަނުގެ ކޮންމެ ރަށެއްގައި އެއް ފޮށި ވަނީ ބަހައްޓާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 6,093 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ކެލާ ދާއިރާއިންނެވެ. އެއީ 1,729 މީހުންނެވެ. ދެން އެންމެ ގިނައީ މާވަށުން ރަޖިސްޓްރީވި 1,556 މީހުންނާއި ފުވައްމުލައް ދަޑިމަގު އަވަށުން ރަޖިސްޓްރީވި 1,311 މީހުންނެވެ.
މީގެ އިތުރުން ނޭކުރެންދޫއިން 1,056 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ބ. ދޮންފަނުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 441 މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް ވީހާވެސް އަވަހަކަށް ވޯޓުލުމަށް ވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.


