Wednesday, 29 July 2026
އިސްތަންބޫލުގައި ކުރިއަށްދާ އައިޕީޔޫގެ 152 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖޖިލީހުގެ ރައީސް އަބްދުއްރަހީމް ތަގުރީރު ކުރައްވަނީ-- ފޮޓޯ: މަޖިލީސް

މޫސުމީ ނުރައްކާ ބޮޑު ގައުމުތަކަށް އެހީވުމަށް މަޖިލީހުގެ ރައީސް ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާ ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ތުރުކީވިލާތުގެ އިސްތަންބޫލްގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.

މަޖިލީހުގެ ރައީސްގެ ތަގުރީރުގައި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލައްވައި، އެފަދަ ގައުމުތަކަށް އިތުރު އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުން ބާރުވެރިކުރުވުމާއި، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ތައުލީމާއި، ސިއްހީ ހިދުމަތް އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ގޮތް ނިންމުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން އަދާކުރާ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ނަތީޖާ ނެރެވޭފަދަ ގާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި މަޖިލިސްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ތަގުރީރު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި ވަރުގަދަ ދީމިގްރާތީ މުއައްސަސާތަކެއް ބޭނުންވާކަން ހަނދާންކޮށްދެއްވަމުންނެވެ. އެގޮތުން އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، ގާނޫނުގެ ސިޔާދަތު ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *