Wednesday, 29 July 2026
ޒަކާތު ހައުސް އިން ފިތުރު ޒަކާތް ބަލައިގަންނަނީ -- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

ޒަކާތް ނުދިނުމަކީ މުދަލުން ބަރަކާތް ކެނޑޭ ކަމެއް: ޚުޠުބާ

ޒަކާތް ނުދީ ހިފެހެއްޓުމަކީ އިސްލާމްކަމުގެ މުހިންމު ރުކުނަކަށް އިހުމާލުވުން އެކަނި ނޫން ކަމަށާއި، އެއީ މީހާގެ މުދަލުން ބަރަކާތް ކެނޑިގެންދާނެ ކަމެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންނަށް ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޚުޠުބާ ހާއްސަކޮށްފައިވަނީ "އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މައުޞޫއުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ޒަކާތަކީ ހަމައެކަނި ދޭ ސަދަގާތެއް ނޫނެވެ. އެއީ މުޖުތަމައުގައި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށްޓަކައި މާތްﷲ ފަރުޟުކުރައްވާފައިވާ އިލާހީ ވާޖިބެކެވެ.

ޒަކާތަކީ މުދަލާއި ނަފްސު ތާހިރުކޮށްދޭ އެއްޗެއް ކަމަށާއި، އެއީ ދަހިވެތިކަމާއި ދުނިޔޭގެ މުދަލަށް މާބޮޑަށް ހިތްޖެހުމުން އިންސާނާ ރައްކާތެރިކޮށްދޭ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މި ވާޖިބު އަދާކުރުމުން، މުސްލިމުންނާއި މާތްﷲ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، މުޖުތަމައުގެ ގުޅުން ބަދަހިވެ، މުދަލަކީ ހަމައެކަނި އަމިއްލަ ފައިދާއަށްވުރެ ބޮޑު މަތިވެރި މަގުސަދެއްގައި ބޭނުންކުރެވޭ އެއްޗަކަށް ވެގެންދެއެވެ.

ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމަށް އަލިއަޅުއްވާލައްވަމުން، ފަގީރުކަން ނައްތާލުމަށް ޒަމާނީ ނިޒާމުތަކާއި ބޮޑެތި ހޭދަތަކެއް ކުރި ނަމަވެސް، ޒަކާތަކީ އަދިވެސް އެންމެ ފަސޭހަ އަދި އެންމެ ނަތީޖާ ނެރެވޭނެ ހައްލުކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޒަކާތް ވާޖިބުވާ މުދަލުން އެންމެ 2.5 އިންސައްތަ ދިނުމުން ވެސް، އެކަން ދާއިމީ ގޮތެއްގައި ކުރާނަމަ، ދަތި ހާލުގައި އުޅޭ މުޖުތަމައުތައް އާރާސްތުކުރުމުގެ ބާރު ޒަކާތަށް ލިބިގެންވެއެވެ.

ތާރީޚީ މިސާލުތަކަށް ބަލާއިރު، އުމަރު ބިން އަބްދުލްއަޒީޒްގެ ޚިލާފަތުގައި ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒުކުރުމުގެ ސަބަބުން، މުޖުތަމައުން ފަގީރުކަން މުޅިންހެން ފިލައިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި މި ޒަމާނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ރޭވުންތެރިކަމާއެކު ޒަކާތް ބެހުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި މިލިއަނަކަށްވުރެ ގިނަ މީހުން ފަގީރުކަމުން އަރައިގަނެފައިވާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

މި ވާޖިބު އަދާކުރުމުގައި ލަސްނުކުރުމަށާއި އިހުމާލުނުވުމަށް ޚުޠުބާގައި މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި މުދަލުގެ ހައްގުތައް އަދާނުކޮށް ރައްކާކޮށްފައި ބަހައްޓާ މުދަލުން އިލާހީ ބަރަކާތް ކެނޑިގެންދާނެކަމުގެ އިންޒާރު ދެއްވިއެވެ. އޭގެ ބަދަލުގައި، ޒަކާތް ދިނުމުގައި އިސްނެގުމަށާއި، އާއިލާތަކަށް ޒަކާތުގެ މައުލޫމާތު ދިނުމަށާއި، އިންސާފުވެރިކަމާއެކު ޒަކާތް ބެހުމުގެ ނިޒާމުތަކަށް އެއްބާރުލުން ދިނުމަށް މުއުމިނުންނަށް ބާރުއެޅުއްވިއެވެ.

ވިސްނާ ފިކުރުކޮށް އަމަލީ ސިފަ ގެނައުމަށް ގޮވާލަމުން ނިންމާލި މި ޚުޠުބާގައި ހަގީގީ ތަނަވަސްކަމަކީ މުދާ އެއްކުރުން ނޫން ކަމަށާއި، އެއީ ދީލަތިކަމާއި އެހެން މީހުންނަށް އަޅާލުންކަން ކަށަވަރުކޮށްދިނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *