ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އިދާރާއެކެވެ.
މިފަދަ އޮފީހެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި އޮފީސް އުފެއްދެވުމާއެކު، ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަމާއި ބައުންޑަރީތަކާ ގުޅޭ މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާއި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން ހިމެނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައެޅުމާއި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީވެސް މި އޮފީހުގެ މުހިންމު ޒިންމާއެކެވެ.
މި އިދާރާގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އެންމެހައި އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން، އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރިއަށް ގެންދަވާކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.


