ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަނެކެވެ.
މިފަދަ ބިއުރޯއެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، ރައްޔިތުންނަށް ޖަވާބުދާރީވުމަކީވެސް މި ބިއުރޯގެ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، މި ބިއުރޯގެ ދަށުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތައް ފަސޭހަކަމާއެކު ސަރުކާރަށް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެއެވެ.
ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.


