ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު މިއަދު ހަދިޔާކުރައްވައިފިއެވެ. މި ތަކެތި ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތުގައި ސަޢުދީ ސަރުކާރުގެ ފަރާތުން މި ކަދުރުތައް ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މިއީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ދީލަތި އެހީގެ ދަށުން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމެކެވެ. މިއަދު ހަދިޔާކުރި 50 ޓަނުގެ ކަދުރަކީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުގެ ފަރާތުން ދެއްވި އެހީއެކެވެ.
މީގެ ކުރިންވެސް ސަޢުދީ ޢަރަބިއްޔާގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައެވެ. އެ ފަހަރު ލިބުނު ކަދުރުތައް އެކި ދާއިރާތަކުގެ ފަރާތްތަކަށް ވުޒާރާގެ ފަރާތުން ވަނީ ބަހާފައެވެ.
މިއަދު ހަދިޔާކުރި 50 ޓަނުގެ ކަދުރުވެސް ކުރިއަށް އޮތް ތަނުގައި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް ބެހުމުގެ އިންތިޒާމުތައް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ.


