އިންޑިއާގެ "މަތުރުބޫމީ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އަނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ ސްމިޓާ ޕިއްލައި ނަމަކަށް ކިޔާ ޓީޗަރަކަށެވެ. އޭނާއަށް ހަމަލާދީފައިވަނީ އެ މަދަރުސާގެ ގްރޭޑް 8 އެއްގައި ކިޔަވާ ފިރިހެން ދަރިވަރެކެވެ. މި ހާދިސާ ހިނގީ ކޮމްޕިއުޓަރު ލެބުގައި އެ ދަރިވަރު ގޭމް ކުޅެން އިނުމުން އެކަން ހުއްޓުވަން މުދައްރިސް މަސައްކަތް ކުރުމުގެ ތެރޭގައެވެ.
މުދައްރިސްގެ ފިރިމީހާއާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ދަރިވަރު ގޭމް ކުޅުން ހުއްޓާނުލުމުން އެ މަންޒަރު ފޯނުން ރެކޯޑުކޮށް ޕްރިންސިޕަލަށް ހުށަހަޅާނެ ކަމަށް މުދައްރިސް ބުނި ކަމަށެވެ. އެއާއެކު ދަރިވަރު ފުރަތަމަ މުދައްރިސްގެ ފޯނު އެއްލާލުމަށްފަހު، މޫނުމަތީގައި ޖަހައި، އިސްތަށިގަނޑަށް ދަމައި އަނިޔާކުރި ކަމަށެވެ. މި ހަމަލާގެ ސަބަބުން މުދައްރިސް ހޭނެތުނު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން މުދައްރިސަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އަނިޔާގެ ސީރިއަސްކަމުން އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. މުދައްރިސްގެ ފިރިމީހާ ބުނި ގޮތުގައި މި މައްސަލަ ފުލުހަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާތީ، އިންޑިއާ ހައިކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައިގައި ހިމެނޭ ދަރިވަރު މިހާރު ވަނީ ސަސްޕެންޑުކޮށް، އެއް ހަފުތާގެ ކައުންސިލިން ދޭން ނިންމާފައެވެ.


