ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަވައިފިއެވެ. މި ބަދަލުތައް ގެންނަވާފައިވަނީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އައު ވަޒީރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އަދި ވަޒީރުކަމުގެ ފަތްކޮޅު ނުވަތަ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ކުރިން މަގާމުތަކުގައި ތިއްބެވި ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލުކުރުމާއި، އަލަށް ބައެއް ބޭފުޅުން ވަޒީރުކަމުގެ މަގާމަށް އައްޔަނުކުރުން ހިމެނެއެވެ. އެގޮތުން އައްޔަނުކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
- މޫސާ ޒަމީރު – މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް
- ޢަލީ އިޙުސާން – މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ
- އިރުތިޝާމް އާދަމް – މިނިސްޓަރ އޮފް ފޮރިން އެފެއާޒް
- ޑރ. އިސްމާޢީލް ޝަފީޢު – މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް
- ޤީލާ އަލީ – މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ
- މުޙައްމަދު ސަޢީދު – މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު – މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް
- މުޙައްމަދު އަމީން – މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން
- ޢަބްދުﷲ ރާފިޢު – މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް
- ހީނާ ވަލީދު – މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
- ޢަބްދުﷲ މުއްޠަލިބް – މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
- ޢަލީ ޝަރީފް – މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ
ރައީސް އޮފީހުން ވިދާޅުވީ، 20 ވަޒީރުން ތިއްބަވާ ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ.


