ދިވެހިރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު އޮތް ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ދަނޑިވަޅަކީ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރަން ފަށާފައިވާ ވަގުތެއް ކަމަށެވެ.
އެހެންކަމުން، ގައުމަށް މިހާރު ބޭނުންވެފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތުން، ގައުމުގެ ހަމަޖެހުމާއި އިގްތިސާދީ ރައްކާތެރިކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ބާރުއަޅުއްވާފައެވެ.


