މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރާއި، ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހިމްގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޔޫތު މިނިސްޓަރ އަސްވާޑާއި، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މާރިޔާ އަދި ދިފާއީ ވަޒީރު ޣައްސާން މައުމޫން ވެސް ވަނީ މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ވަޒީރުން އިސްތިއުފާ ދެއްވުމުގެ އިތުރުން، ސަރުކާރުން ވަނީ ބައެއް ވަޒީރުން މަޤާމުން ވަކިކުރައްވާފައެވެ. އޭގެ ތެރޭގައި ސިޓީސް މިނިސްޓަރ އާދަމް ޝަރީފާއި، ޖެންޑާ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އަދި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ހިމެނިވަޑައިގަންނަވައެވެ. އަދި އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ އާރިފް ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ރަސްމީ ބަހެއް ވިދާޅުވެފައި ނުވި ނަމަވެސް، މިއީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.


