ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސަން މައުމޫން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޣައްސަން މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ވަޒީރު ޣައްސާން މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. މި ބަދަލު އައިސްފައި މިވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުތަކަށް ސަރުކާރުން ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްސަން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޑިފެންސް މިނިސްޓްރީ ހިންގެވުމާ ދެން ހަވާލުކުރައްވާނެ ބޭފުޅަކާ މެދު ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ.


