ފޮރިން އެފެއާޒްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް މިއަދު އެ މަގާމުން ވަކިކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން ވަކިކުރެއްވިކަން މިނިސްޓްރީގެ މުވައްޒަފުންނަށް އެންގެވުމަށްފަހު، ޑރ. ހަލީލް ވަނީ މިހާރު މިނިސްޓްރީން ނުކުމެވަޑައިގެންފައެވެ.
ޑރ. ހަލީލަކީ މި ސަރުކާރު އެންމެ ފުރަތަމަ އެކުލަވާލިއިރު ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ފޮރިން މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވީ 30 ސެޕްޓެމްބަރު 2024 ގައެވެ.
ސަރުކާރުގެ އިސް މަގާމުތަކަށް މި ދުވަސްވަރު އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުން ވަނީ އިތުރުވެފައެވެ. އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.


