ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ — ކޮންގްރެސް އިން މިރޭ ބުނީ ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕާޓީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުތުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ފެތޭ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް އިއުލާންގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ބުނެފައިވެ އެވެ.
ޕީއެންސީގެ އިއުލާންގައިވާ ގޮތުން ޕްރައިމަރީ ބާއްވަން ޖެހިއްޖެ ނަމަ، ވޯޓުލެވޭނީ އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށާއި 12 އޭޕްރީލް ވީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރަކަށް ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މީހުންނަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތަކަކީ:
- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުތަކާއިގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވެފައިވާކަން
- އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފަރާތަކަށްވުން.
ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އަންނަ ހޯމަ ދުވަހު ޕީއެންސީގެ ވެބްސައިޓުގައި ޝާއިއުކުރާނެއެވެ. ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގައެވެ.


